About me

އަޅުގަނޑު،ޏ. ފުވައްމުލަކު މަގްދިސް އާއިޝަތު އިބްރާހީމްއަކީ ޕްރީސްކޫލް ޢުމުރުފުރާގެ ދަރިވަރުންނަށް ކިޔަވައިދެމުން އަންނަ މުދައްރިސަކީމެވެ. ފުވައްމުލަކު އިރަސްމިކުގޭ މަރްޔަމް ޢަލިދީދީއާއި އެރަށު ހުނުބޮލި އިބުރާހިމް މުޙައްމަދުދީދީއަށް ލިބުނު ފަސް ކުދިންގެ ތެރެއިން އަޅުގަނޑަކީ ހަތަރުވަނަ ދަރިފުޅެވެ.

ޏ. އަތޮޅު ތަޢުލީމީ މަރުކަޒުން އަޅުގަނޑު ސާނަވީ މަރުޙަލާއާ ހަމައަށް ކިޔެވުމަށްފަހު 2008ވަނަ އަހަރު ފުވައްމުލަކު ޒިކުރާ ސްކޫލުގައި ޕްރީސްކޫލުން ދަރިވަރުންނަށް ކިޔަވައިދިނުމުގެ މަސައްކަތް ފެށިމެވެ. އޭރު އަޅުގަނޑުގެ  ޢުމުރުން އެންމެ 18 އަހަރެވެ.
ކިޔަވައިދިނުމަކީ އަޅުގަނޑު ސްކޫލް ދައުރުގައި ޚިޔާލަށްވެސް ގެނެވިފައިވާ ކަމެއްނޫނެވެ. ކިޔަވައިދިނުމާބެހޭ އެއްވެސް މަޢުލޫމާތެއްނެތި އަޅުގަނޑު ކިޔަވަދޭންފެށުމުގެ ނަތީޖާއަކީ ކުދިން ގެންގުޅޭނެގޮތްތައް ނޭނގުމެވެ. ފިލާވަޅަށް ކުދިން ޝައުގުވެރިކުރުވާނެ ގޮތްތައް ނޭނގުމެވެ. އަމުދުން ތުއްތުކުދިންނަށް ކިޔަވަދޭން ޖެހުންވެގެން ދިޔައީ އަޅުގަނޑުގެ ޙަޔާތަށް ކުރިމަތިވި ބޮޑު ގޮންޖެހުމަކަށެވެ.

މިގޮތަށް ދިމާވުމުގެ ނަތީޖާއަކީ  ކިޔަވައިދިނުމުގެ ރޮނގުން އަޅުގަނޑު ކުރިއަށް ދިއުމަށް ޝައުގު އުފެދި ހިތްވަރު ލިބުމެވެ.  އަދި ކިޔަވައިދިނުމުގެ ރޮނގުން ކާމިޔާބުގޮތެއްގައި ކުރިއަށް ދިއުމަށް، ޖެހިގެން އައި އަހަރު  މާލެގޮސް   2009ގައި ސެޓްފިކެޓް އިން އާރލީޗައިލްޑު ހޫޑް ކޯސް ފުރިހަމަކޮށް އޭގެ ފަހުން އައި  2010 ވަނަ އަހަރު  މަންދުކޮލެޖުން، ޕްރީސްކޫލް ކުދިންނަށް ކިޔަވައިދިނުމުގެ ދާއިރާއިން އެޑްވާންސް ސެޓްފިކެޓް އިން އަރލީ ޗައިލްޑް ހޫޑްކޯސް ފުރިހަމަކޮށް ސަނަދު  ޙާސިލުކުރީމެވެ. އަދި އެޑްވާންސް ސެޓްފިކެޓާއި އެކު ފުވައްމުލަކު އައިޑިއަލް ސްކޫލުގައި ކިޔަވައިދޭން ފެށީމެވެ. އެ ސްކޫލަކީ  ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ކިޔަވައިދިނުމަށް ބޭނުންވާ ވޯކް ޝީޓްތަކާއި އެހެނިހެން ވަސީލަތްތައް ތައްޔާރުކޮށް ކިޔަވައިދިނުން ކުރިއަށްގެންދެވުނުތަނެކެވެ. އަދި މިމަސައްކަތްތައް  އައިޑިއަލް ސްކޫލުގެ ސްކޫލްމެނޭޖްމެންޓާއި ބެލެނިވެރިންގެ ތަރުޙީބު ލިބޭ ފެންވަރަށް ކުރެވުނުކަމީ، ކިޔަވައިދިނުމުގެ ދާއިރާއިން އަމިއްލަ ނަފުސަށް ކުރެވޭ އިތުބާރު އިތުރުވެގެން ދިޔަކަމެކެވެ.

މިރޮނގުން އިތުރު ތަޢުލީމާއި ތަމްރީނު ހޯދާ ރަގަޅު ޓީޗަރެއްގެ ގޮތުގައި ކުރިއަށްދިއުމަކީ އަޅުގަނޑު އަބަދުވެސް ކުރަން ބޭނުންވާކަމެކެވެ. ކުރާހިތްވާކަމެކެވެ. މި މަގުސަދު ޙާސިލުކުރުމުގެނިޔަތުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓިއިން ހިންގި  ކޯހެއްކަމުގައިވާ ޑިޕްލޮމާއިން އާރލީ ޗައިލްޑްހޫޑް ކޯސް ފުރިހަމަކޮށް 2014 ސެޓްފިކެޓް ހޯދީމެވެ.

މިހާރު އަޅުގަނޑު މިދަނީ އަތޮޅުތެރޭގައި ހުރި، މައިކޮލެޖުގެ އެންމެ ކާމިޔާބު ކެމްޕަސްކަމަށްވާ އައްޑޫ ކެމްޕަސްގައި، ކިޔަވައިދިނުމުގެ ރޮނގުން ޕްރީސްކޫލް ޑިގްރީ ސަނަދު ހޯދުމަށް ކިޔަވަމުންނެވެ. އަދި  2013 ވަނަ އަހަރުން ފެށިގެން ކިޔަވައިދެމުން މިދަނީ، ރާއްޖޭގައި ހުރި އެންމެ ކާމިޔާބު އެއް ސްކޫލުކަމަށްވާ އައްޑޫ ސިޓީ ހިރާ ސްކޫލުގައެވެ.  އަޅުގަނޑުގެ މަގުސަދަކީ ، މާތްﷲގެ އިރާދަފުޅާއެކު  ދަރިވަރުންނާއި ބެލެނިވެރިންނާއި ސްކޫލް މެނޭޖްމެންޓް ހިތްހަމަޖެހޭފަދަ " އާންޓީ" ވެ މިރޮނގުން އިތުރު ކުރިއެރުން ހޯދުމެވެ. އަދި އެކަމަށްޓަކައި މަސައްކަތް ކުރުމެވެ. އެގޮތުން ޓެކްނޮލޮޖީއާއި ކިޔަވާދިނުމާގުޅުވާ ތައްޔާރުކުރެވިފައިވާ އަޅުގަނޑުގެ މި ބްލޮގަކީ  ބަވަނަ ވަމުންމިދާ ދުނިޔޭގައި، ދަރިވަރުންނާއި ބެލެނިވެރިންނަށް އިތުރު އެހީ ފޯރުކޮށް ދިނުމަށް ކުރާ ޚާއްސަ މަސައްކަތެކެވެ. އުއްމީދަކީ މީގެ ފައިދާ ލިބި ދަރިވަރުންނަށް ކުރިއެރުންލިބުމެވެ.



No comments:

Post a Comment